ރާއްޖެގެ ސްކޫލް މަދަރުސާތަކުގައި ''ތޮޅުން'' (ނުވަތަ އިގިރޭސިބަހުން
ކިޔާގޮތަށް ނަމަ ބުލީންގ-Bullying ) އެއީ ހިނގާ ކަމެކެވެ. މިކަން ގޮސްފައި
އޮތް ހިސާބު ނޫސްތައް ބަލާލުމުން ވަރަށް ރީއްޗަށް އެ އޮތީ ފެންނާށެވެ.
ކަމަކީ ކިތަންމެ ސީރިޔަސް މައްސަލައަކަށް ވީނަމަވެސް ރާއްޖޭގައި މި
މައްސަލަ މިނެ ވަޒަންކޮށް ހައްލު ހޯދުމަށް ރަސްމީ ސިފައެއްގައި ދިރާސާއެއް
ކޮށްފައި އޮތްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ވީމާ، މި މައްސަލައިގެ
ޚުޠޫރަތްތެރިކަން ސްކޫލް މަދަރުސާތަކުގައި ކިތަންމެ ބޮޑުވެފައި އޮތްކަމަށް
ވިޔަސް، އެންމެ ޢާއްމު ތޮޅުމުގެ ވައްތަރުތަކާއި ޢުމުރުފުރާތައް ފަދަ
މަޢުލޫމާތު ކަނޑައަޅައި ދަންނަވާކަށް ނޭގެއެވެ. ނަމަވެސް ސްކޫލްތަކުގައި
ހިނގާ ތޮޅުމުގެ ޙާދިސާތަކުގެ ކޮންމެވެސް ވަރެއްގެ ތަފާސްހިސާބެއް އަތުޖެހޭ
ހިސާބުގައި، ފުލުސް އޮފީހުގައި އޮންނާނެކަމަށް ބެލެވެއެވެ. ސަބަބަކީ
ފަހަކަށް އައިސް ތޮޅުމުގެ ހާދިސާތައް ސީރިޔަސްވެ، ބައެއް ސްކޫލްތަކުގެ
ތެރެއަށް ފުލުން ވަންނަން ޖެހޭ ހިސާބަށް ދިއުމެވެ. ސްކޫލްގެ އިދާރާ
ފަހަނައަޅައި، ފުލުސްއޮފީހަށް މައްސަލަތައް ހުށަހަޅަން ޖެހުމެވެ.
މީގެ ދެ އަހަރެއްހާ ދުވަސްކުރިން ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު
އަމިއްލަޔަށް މަރުވުމާއި ގުޅިގެން ރާއްޖެގެ ސްކޫލްތަކުގައި ހިނގާ ތޮޅުމުގެ
ހާދިސާތަކަށް ކޮންމެވެސް ވަރެއްގެ ވަގުތީ ސަމާލުކަމެއް ވަރަށް 'ފެން'
ގޮތެއްގައި އައެވެ. މި އިޝާރާތްކުރި ހާދިސާގައި، މަރުވިކުއްޖާގެ ބައްޕަ
ބުނިކަމަށް ދުވަހުނޫސް ''ހަވީރު'' ގައި އޮތީ އޭނާގެ ދަރިފުޅަށް
ތަކުރާރުކޮށް އެހެންކުދިންގެ ތޮޅުމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
މި ލިޔުމުގައި ''ތޮޅުން'' މި ބަސް ބޭނުންކޮށްފައި މިވަނީ ވަރަށް ފުޅާ
މާނައެއްގައެވެ. އެކަމަކު އެއީ އެހުރިހާ މާނައެއްގައިވެސް ބަލިކަށި
ކުއްޖަކަށް އެއަށްވުރެ ގަދަފަދަކުއްޖެއް ނުވަތަ ކުދީންތަކެއްގެ
ޢަމަލުތަކުގެ ސަބަބުން ކުރާ ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ޝާމިލް
ވާގޮތަށެވެ. އާދެ، އިގިރޭސިބަހުން ބުލީންގ (Bullying) އޭ މިކިޔާ
މާނައިގައެވެ.
ތޮޅުމުގެ ތެރޭގައި ބިރުދެއްކުމާއި މާރާމަރީއާއި މަލާމާތްކުރުމާއި
ރުޅިއެރުވުމާއި ވަނަމުން ގޮވުމާއި ތަކެއްޗަށް ގެއްލުން ދިނުމާއި ދަތިކުރުން
ހިމެނެއެވެ. މީގެ އިތުރުން ހަގީގަތެއް ނެތް ވާހަކަފެތުރުމާއި
އެކަހެރިކުރުމަށް އެހެން ކުދީންނަށް ވާގިދިނުން ހިމެނެއެވެ.
ސްކޫލްތެރޭގައި ހިނގާ މި ދެންނެވި ފަދަ ތޮޅުމުގެ ހާދިސާތަކުގެ ސަބަބުން
ފުރާ ޢުމުރު ފުރާގެ ކުދިންނަށް ވަރަށް ގިނަ ތަފާތު މައްސަލަތައް
ކުރިމަތިވެއެވެ. މިގޮތުން ގޮތްހުސްވުމާއި ހާސްވެ، ބިރުގަތުމާއި
ޖެހިލުންވުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން
ސްކޫލަށް ދާހިތް ނުވުމާއި ކިޔެވުމަށް ސަމާލުކަން ނުދެވި ކިޔެވުން މަތިން
ފޫހިވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ތޮޅުން ތަކުރާރުވާނަމަ، މިއަމަލުގެ ޝިކާރައަކަށް ވާ ކުދިން އެކުދިންގެ
އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި އަގު ގެއްލުމުގެ ފުރުސަތު ބޮޑެވެ. އަދި
އިޖްތިމާއީ ބައިވެރިވުމާއި ދުރުވެ، އެކަނިވެރިކަން ޚިޔާރު ކުރުމުގެ
ފުރުސަތު ބޮޑެވެ. އަދި މިފަދަ ކުދީން ހާސްވުން (ޑިޕްރެޝަން) ގެ
ޝިކާރައަކަށް ވުމުގެ ފުރުސަތުވެސް ބޮޑެވެ. އަމިއްލައަށް މަރުވުންވެސް
އެކަށީގެންވެއެވެ.
ތަކުރާރުކޮށް ތޮޅުމުގެ ސަބަބުން ދިމާވާ މައްސަލަތައް ވަރަށް ދިގު
މުއްދަތަކަށް ދެމިގެން ދިޔުންވެސް އެކަށީގެން ވެއެވެ. ކޮށްފައިވާ ބައެއް
ދިރާސާތަކުން ދައްކާގޮތުގައި ސްކޫލް ދައުރުގައި ތޮޅުމުގެ ޝިކާރައަކަށް
ވެފައިވާ ކުދިން ސްކޫލް ދައުރު ނިމި އެތައް ދުވަހެއްގެ ފަހުންވެސް އެކަމުގެ
އުދަގޫތައް ތަހައްމަލުކުރަމުން ގެން ގޮސްފައިވެއެވެ. ސްކޫލް ދައުރުގައި
ކިޔާ ވަނަން ދާއިއިމީވެ، މުޅިއުމުރަށް ހަރުލާގޮތްވެސް ވެއެވެ.
ތޮޅުމުގެ ޢަމަލެއް ހިނގާތަން ފެނުމުން ނުވަތަ އެފަދަ ޢަމަލެއް
ހިގާތަނެއްގައި ހުންނަން ޖެހުމުން އެމަންޒަރު ދެކޭކުދިންނަށް ވެސް ނޭދެވޭ
އަސަރު ކުރާކަމަށް ބައެއް ދިރާސާތަކުން ސާބިތުވެފައިވެއެވެ. މި ފަދަ
ކުދިންނަށް އެކުދިންގެ ރައްޓެހިން ތޮޅޭކުދިންގެ ކިބައިން މިންޖުކޮށް
ނުދެވުމުން އެކަމުގެ ކުށް އިޙްސާސް ކުރެވެއެވެ. އަދި އެހީ އަށް އެދި
ބޮޑުމީހަކަށް ނޭންގިއްޖެ ނަމަ ތިމާގެ ޟަޢީފުކަމުގެ އިޙްސާސް ކުރެވެއެވެ.
ތޮޅޭ ގިނަކުދިން ޖިސްމާނީ ގޮތުން ވަރުގަދައެވެ. މިފަދަ ކުދިންގެ
ނަޒަރުގައި ތަޅާފޮޅުމަކީ އެއީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. މި ފަދަ
ގިނަކުދިންނަކީ ޢާއްމުގޮތެއްގައި ރުންކުރުވާ، އަވަހަށް ރުޅި އިސްވާ، އަދި
ކުރިމަތިވާ ހިތްހަމަ ނުޖެހުންތައް ތަހައްމަލުކުރުމުގެ ކުޅަދާނަކަން
ކުޑަކުދީންނެވެ.
ތޮޅޭކުދިން އެހެން ކުދިންގެ މައްޗަށް ގަދަވެ، އެކުދިން ބާރުގެ ދަށަށް
ގެނައުމުގެ ޝައުގުވަރަށް ބޮޑަށް ހުރެއެއެވެ. އަދި ދިރާސާ ތަކުން
ފާހަގަކުރެވިފައިވަނީ ތޮޅޭކުދިން އެހެން ކުދިންނަށްވުރެ، ކިޔެވުމަށް ދަށް
ކަމެވެ. މިފަދަ ކުދިން އެހެން ކުދިންނަށް ވުރެ، ސްކޫލްގެ ގަވާއިދު ތަކާއި
ޚިލާފު، ކިޔަވާކުދީން ކުރުން އެކަށީގެން ނުވާ ޢަމަލުތައްކުރުމާއި މާބޮޑަށް
ދޯޅުކަންވެސް ފާހަގަ ކުރެވިފައިވެއެވެ.
ކުދިންނަށް ދޭންޖެހޭ ޖަޒުބާތީ އަޅާލުމާއި ކުދީން އުޅޭނޫޅޭގޮތް ރަގަޅަށް
ނުބެލެހެއްޓޭ ބެލެނިވެރީންގެ ދަރީން ތޮޅޭކުދިންނަށް ވުމުގެ ފުރުސަތު
ބޮޑެވެ. ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅުއްވާ
އުސޫލުތަކަކީވެސް ތޮޅޭކުއްޖަކަށް ވުމާއި ނުވުމަށް ހިއްސާކުރާ ބަހާއެކެވެ.
ދަރިން މާބޮޑަށް ދޫކޮށްލުން، ނުވަތަ މާބޮޑަށް ދަރިންނާމެދު
ހަރުކަށިވުމަކީވެސް ތޮޅޭކުއްޖަކަށް ވުމަށް މަގުފަހިކުރުވަފާނޭ ކަމެކެވެ.
ތޮޅުމާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާތަކުން ސާބިތުވަނީ ކުދިންގެ
އުޅުން ނުބެލެހެއްޓޭ، ތޮޅުން އެއީ އާދައިގެ މައްސައެއްކަމަށް ކުދިންނާއި
ޓީޗަރުން ދެކޭ ސްކޫލްތަކުގައި ތޮޅުން އާއްމުވާ ކަމަށެވެ. ހަމަ މިގޮތަށް
ތޮޅުމަކީ ބޮޑެތިވަމުން އަންނަ ދުވަސްވަރުގެ ދިރިއުޅުމުގެ ބައެއްކަމަށް
ދެކި، ތޮޅުމާއި ދެކޮޅަށް ގަވާއިދުތައް ތަންފީޒުނުކުރާ ސްކޫލްތަކުގައި
ތޮޅުން އާއްމުކަން ވަނީ ސާބިތުވެފައެވެ.
ސްކޫލްތަކުގައި ހިނގާ ތޮޅުމުގެ ޙާދިސާތައް ހުއްޓުވުމަކީ ނުހަނު ބޭނުން
ތެރިކަމެކެވެ. ސަބަބަކީ ކަމުގެ ބާވަތުން މިފަދަ ޙާދިސާތައް ހިނގުމަށް
ދޫކޮށްލެވޭނަމަ، އެކުރެވެނީ ސްކޫލެއްގެ އަސާސީ މަގުސަދާއި މުޅީން ޚިލާފް،
ދިމާ އިދިކޮޅު ކަމަކަށް ވާތީއެވެ. ވީމާ، ސްކޫލްތަކަށް އޮތީ ކޮންމެ ފަދަ
ޤުރުބާނީއެއްވެގެން ނަމަވެސް ސްކޫލް ތަކުގައި ހިނގާ ތޮޅުމުގެ ޙާދިސާތައް
ނައްތާލައި ސްކޫލް އެއީ ރައްކާތެރި މާހައުލަކަށް ހެދުމެވެ. ބެލެނިވެރިން
އިތުބާރުކުރާ މާހައުލަކަށް ހެދުމެވެ.
1
.
ސްކޫލްގެ އިދާރީ މުވައްޒަފުންނާއި ޓީޗަރުން އަދި ސުޕަވައިޒަރުން
ދެކެލައްވަން ވާނީ ތޮޅުން އެއީ ސަމާސާއެއްގެ ގޮތުގައެއް ނޫނެވެ. ތޮޅުމުގެ
ހާދިސާތައް ތަހުގީގުކުރައްވައި، ފިޔަވަޅު އަޅުއްވައި އެޅުއްވި ފިޔަވަޅު
ބެލެނިވެރިންނަށް ހާމަކޮށްދެއްވަން ޖެހޭނެއެވެ. ސުޕަވައިޒަރުން މަދުނަމަ
ސުޕަވައިޒަރުން ގިނަކުރައްވަން ޖެހޭނެއެވެ.

2. ތޮޅުމާއި ދެކޮޅަށް ސްކޫލުން
ސިޔާސަތުތައް ކަނޑައަޅައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެ
ސިޔާސަތުތައް ވަރަށް ސަރީހަކޮށް އަންގައިދޭން ވާނެއެވެ.
3. ތޮޅޭކުދިންނާ، ސްކޫލްގެ ޓީޗަރުންނާއި
ވެރިން ވާހަކަދައްކަވައި، ނަސޭހަތްދެއްވަންވާނެއެވެ. އަދި އިސްލާހު
ނުވެއްޖެނަމަ، އަޅާނެ ފިޔަވަޅުތައް ކުދިންނަށާއި ބެލެނިވެރިންނަށް
އަންގަވައިދެއްވަން ވާނެއެވެ. އަދި ފިޔަވަޅުތައް އިސްތިސްނާއެއްނެތި
އަޅުއްވަންވާނެއެވެ.
4. ޓީޗަރުންނާއި ސުޕަވައިޒަރުން ކުދިންގެ
އުޅުން ވަރަށް ގާތުން ބައްލަވަން ޖެހޭނެއެވެ. އެހެނީ، ދަރިވަރު ސްކޫލްގެ
ދޮރޯށިން އެތެރެއަށް ވަނުމަށް ފަހު، އޭނާ އެހުންނަނީ، ޓީޗަރުންނާއި
ސުޕަވައިޒަރުން އަދި ސްކޫލްގެ އިސްވެރިންގެ ބެލުމުގެ ދަށުގައެވެ.
5. ސްކޫލްގައި ތޮޅުން ހުއްޓުވުމަށް ޚާއްސަ ހަރަކާތެއް ފައްޓަވަންވާނެއެވެ.
1. ބައެއްކުދީން އެކުދިންނަށް ސްކޫލްގައި
ދިމާވާ ތޮޅުމުގެ ޙާދިސާތައް ބޮޑެތިމީހުންނަށް ކިޔައިދޭން ޖެހިލުންވެއެވެ.
އެފަދަ ކުދިން ހީކުރާގޮތުގައި އޭގެ ސަބަބުން މައްސަލަ އިތުރަށް
ގޯސްވެދާނެއެވެ. ނަމަވެސް ބެލެނިވެރިޔާއަކީ ކުއްޖާއަށް ދިމާވާ ހުރިހާ
މައްސަލައެއްގައި ވާހަކަ ދައްކަންހުރި، ދައްކާވާހަކަ ކަނުލައި އަޑުއަހާނެ
މީހެއްކަން ކުދީންނަށް އަންގައިދެއްވުމުން މިފަދަ ޙާދިސާތައް
ކިޔައިދިނުމަށް، ޖެހިލުންވުން ކުޑަކުރެވިދާނެއެވެ.
2
. ދަރިފުޅު،
އޭނާއާ ތޮޅޭވާހަކަ ބުނުމުން އެ، ތޮޅެނީ ދަރިފުޅުގެ ސަބަބުން ނޫން ކަމަށާއި
އޭނާއާ ތޮޅެން އެއްވެސް ކުއްޖަކަށް ނުޖެހޭނެކަން ބުނެދެއްވާށެވެ. އަދި
ތޮޅުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި މެދު ދަރިފުޅާ
މަޝްވަރާކުރައްވާށެވެ.

3. ތޮޅޭވާހަކަ ބުނެފިނަމަ، އެއީ ސީރިޔަސް
ވާހަކައެއް ކަމަށް ބައްލަވާށެވެ. ފަހަރެއްގައި އެ މައްސަލަ ދާދި ފަސޭހައިން
ހައްލުކޮށްލެވޭފަދަ މައްސަލައަކަށް ވެސް ވެދާނެއެވެ. ނަމަވެސް
ބެލެނިވެރިޔާވަނީ ދަރިފުޅާއެކުގައި ކަން އޭނާއަށް ވިސްނައިދެއްވާށެވެ.
އަންހެންކުދީންވެސް ތޮޅޭކުދިންނަށް ވެއެވެ. އަދި އެކުދީން ފިރިހެން
ކުދީންނާއި ވެސް ތޮޅެއެވެ. ވީމާ ވަކި ޖިންސަކަށް ވީތީ އަޅުއްވައި
ނުލައްވައި ދޫނުކުރައްވާށެވެ.
4. ކުދީން، ތިޔަބެލެނިވެރިޔާގެ ދަރިފުޅާ
ތޮޅޭނަމަ، އެކަން ހުއްޓުވުން އެއީ ސްކޫލްގެވެސް ޒިންމާއެކެވެ.
ސްކޫލްތެރޭގައި ތިޔަބެލެނިވެރިޔާގެ ދަރިފުޅާއި ތޮޅޭނަމަ، ނުވަތަ އެކަމަށް
ޝައްކުވާނަމަ، އަދި ސްކޫލުން އެފަދަކަމެއް ހިނގާކަމުގެ މަޢުލޫމާތު
ލިބިލައްވައިފައި ނުވާނަމަ، ލަސްނުކޮށް ދަރިފުޅުގެ ޓީޗަރުންނަށާއި
ސުޕަވައިޒަރުންނަށް ގުޅުއްވާށެވެ. ބައްދަލުކުރައްވާށެވެ.
މިގޮތަށް ސްކޫލާއި ވާހަކަދައްކަވާއިރު، ތިޔަބެލެނިވެރިޔާގެ ހަޤީޤީ
މަޤްޞަދަކީ، ތޮޅުން ހުއްޓުވުމަށް ސްކޫލުގެ އެހީތެރިކަން ހޯއްދެވުންކަން
ހަނދާން ބަހައްޓަވާށެވެ. ސްކޫލްތެރޭގައި ނުވަތަ އެހެން ތަނެއްގައި ވިޔަސް
ލޯބިވާ ދަރިފުޅަށް ދެރައެއް ލިބޭނަމަ، ވަރަށް ފުން އަސަރެއް ކުރާނެއެވެ.
ނަމަވެސް ސްކޫލާއި ވާހަކަދައްކަވާއިރު މި ޖަޒްބާތުތަކުގެ މައްޗަށް
ގަދަވެގަންނަވައި ރުޅި އިސްނުކުރައްވައި ހަގީގަތްތައް ހާމަކޮށްދެއްވާށެވެ.
އެއިރުން ސްކޫލުގެ އެއްބާރުލުން ހޯއްދެވުމަށް ފަސޭހަވާނެއެވެ. ދަރިފުޅާ
ތޮޅޭ ކުދިންނަށް ހަރުކަށި އަދަބު ދިނުމަށް އެދެވުން އެއީ ހަމަ ފިޠުރީ
ކަމެކެވެ. ސްކޫލަށް ބާރުއަޅުއްވަންވީ ތޮޅުން މުޅީން ހުއްޓުވޭނޭ ގޮތެއް
ހެދުމުގެ މައްޗަށެވެ.
ބެލެނިވެރިޔާ ސްކޫލާ ވާހަކަ ދެއްކެވުމާމެދު ދަރިފުޅު ދެކޮޅު
ހަދާފާނެއެވެ. އެއީ އޭގެ ސަބަބުން ތޮޅޭކުދިންގެ އުނދަގޫ ބޮޑުވެދާނެކަމަށް
ހީކޮށެވެ. މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ދަރިފުޅަށް ވިސްނައި ދެއްވަންވީ
މައްސަލަ ހައްލުވާނީ މައްސަލައިގެ ތެރެއަށް ބޮޑެތިމީހުން ވަދެގެން ކަމެވެ.
5. ތޮޅޭކުއްޖާ ނުވަތަ ކުދީންނާއި ނުވަތަ
އެފަދަ ކުދިންގެ ބެލެނިވެރިޔާއާ ސީދާ ވާހަކަ ނުދައްކަވާށެވެ. ސްކޫލް
މެދުވެރިކޮށް އެކަންތައް ކުރައްވާށެވެ.
6. ސްކޫލަށް ގޮސް ސްކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވާ މައްސަލަ ހައްލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރައްވާށެވެ.
7. ދަރިފުޅާ ތޮޅޭކަމުގެ ޝަކުވާ އޭނާ ތިޔަ
ބެލެނިވެރިޔާ ގާތު ކޮށްފިނަމަ އެވާހަކަތައް ލިޔެލައްވާށެވެ. ލިޔުއްވާއިރު،
ތޮޅުނީ ކިހިނެއް ކޮންއިރަކު ކޮންތާކު ކޮން ބައެއްތޯވެސް ބައްލަވާށެވެ.
ތޮޅުމުގެ ޙާދިސާގެ މައްސަލަ ސްކޫލަށް ހުށަހަޅުއްވާއިރު، މި ދެންނެވި ލިޔުން
މުހިންމު ވާނެއެވެ.
8. ސްކޫލުގައި ދަރިފުޅާ ތޮޅޭނަމަ، ޓީޗަރަށް ނުވަތަ ސުޕަވައިޒަރަށް އަންގަން ހިތްވަރު ދެއްވާށެވެ.
9. ދަރިފުޅު ދައްކާވާހަކަތައް ކަނުލައި
އަޑު އައްސަވާށެވެ. ހަމްދަރުދީއާއި ހިތްހަޖައްސައިދޭގޮތަށް ބެލެނިވެރިޔާގެ
ވާހަކަތައް ބަހައްޓަވާށެވެ.
10. ދަރިފުޅާ ތޮޅެނީ އޭނާގެ ސަބަބުން
ކަމުގެ އިޙްސާސްކުރެވޭ ގޮތަށް ބަސްމަގުނުބަހައްޓަވާށެވެ. ދަރިފުޅު ހިތްވަރު
ކޮށްފައި އޭނާއާ ދިމާވި ޙާދިސާ ކިޔައިދިނުމުން ދަރިފުޅަށް
ފާޑުނުކިޔުއްވާށެވެ.
11. ސްކޫލްގައި ތޮޅުމާ ކުރިމަތިލާންޖެހޭ
ކުދިންނަށް އޮތް ހިމާޔަތަކީ އެކުދިންގެ ގެ ކަން ބެލެނިވެރިޔާ ހަނދާން
ބަހައްޓަވާށެވެ. ވީމާ، ދަރިފުޅާ ދިމާވެފައިވާ ބަދުނަސީބު ހާލަތު ދެނެގަނެ،
އޭނާއާ އެކުގައި ވާށެވެ. އަދި ފަންނީ މީހެއް (ސައިކޭޓްރިސްޓެއް ނުވަތަ
ޑޮކްޓަރެއް) ގެ އެހީއަށް ބޭނުންވާކަމަށް ފެނިލައްވައިފިނަމަ، އެފަދަ
ފަރާތެއްގެ އެހީތެރިކަން ހޯއްދަވާށެވެ.
12. ބެލެނިވެރިޔާއާއި ދަރިފުޅާ ދެމެދު ގާތްގުޅުމެއް ބާއްވަވާށެވެ.
ބެލެނިވެރިޔާއާ ވާހަކަ ދެއްކުމަށް ދަރިފުޅަށް ހިތްވަރުދެއްވާށެވެ. އަދި
އޭނާއާ އެކު ހޭދަކުރައްވާ ވަގުތު އިތުރުކުރައްވައި ލޯބިވާކަން
ދައްކަވާށެވެ.
1. ތޮޅިއްޖެނަމަ، ބަދަލުހިފުން އެއީ އަދި
މައްސަލައިގެ ހައްލުނޫންކަން ދަރިފުޅަށް ވިސްނައިދެއްވާށެވެ. އަދި މިފަދަ
ޢަމަލެއް ސްކޫލްތެރޭގައި ކުރުމަށް ހިތްވަރު ނުދެއްވާށެވެ.
2. ތޮޅޭނަމަ އެތަނުން ދުރަށް ދިއުމަށާއި
ބޮޑުމީހަކަށް އެންގުމަށް ހިތްވަރުދޭށެވެ. ނުރައްކާތެރި ހާލަތްތަކުގައި
ރައްކާތެރިކަމާ އެކު ސަލާމަތްވެވިދާނެ ގޮތްތަކާމެދު ދަރިފުޅާ ވާހަކަ
ދައްކަވާށެވެ. މިގޮތުން ބޮޑުމީހަކާ އެކު ނުވަތަ ބޮޑުކުއްޖަކާ އެކު އުޅުމަށް
ބުނުއްވާށެވެ. އަދި އެހީއަށް އެދި ގުޅާނެ ފޯނުނަންބަރެއް ދަރިފުޅަށް
ދެއްވާށެވެ.
3. ދިމާވި ހާދިސާ ސްކޫލްގެ އިދާރާއަށް
އަންގާނޭގޮތް ދަރިފުޅަށް ބުނެދެއްވާށެވެ. މިގޮތުން ސްކޫލްގެ އިދާރާއަށް
އަންގާއިރު މިދަންނަވާ މައުލޫމާތު ހިމެނުއްވުމުން ފުރިހަމަވާނެކަމާއި
ސްކޫލްގެ އިދާރާއަށް މައްސަލަ ބެލުމަށް ފަސޭހަވާނެކަން ބުނެދެއްވާށެވެ.
ހ. ތޮޅުމުގެ ގޮތުން ކުރީ ކޮންކަމެއްކަން
ށ. އެކަންކުރީ ކޮންބައެއް ނުވަތަ ކާކުކަން
ނ. ތޮޅުން ހުއްޓުވުމަށް ނުވަތަ އެކަމުން ސަލާމަތްވުމަށް ކުރީ ކޮންކަމެއްކަން
ރ. ތޮޅުން ހުއްޓުވުމުގެ ގޮތުން ސްކޫލްގެ އިދާރާގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްކަން
4. ތޮޅޭކުދިންގެ ފަރާތުން ސަލާމަތް ވެވިދާނެ ތަފާތު ގޮތްތަކާއި މެދު ދަރިފުޅާއި އެކު ސައްލާކުރައްވާށެވެ.
1. ދިމާވި ޙާދިސާ ބެލެނިވެރިޔާއަށް ،
ޓީޗަރަށް ނުވަތަ ސުޕަވައިޒަރަށް ކިޔައިދޭށެވެ. ވަރަށް ގިނަފަހަރު ތޮޅުމުގެ
ޝިކާރަކަށްވާ ފުރާ އުމުރުގެ ކުދިން އެކުދިންނަށް ދިމަވާ ހާދިސާތައް
ސިއްރުކުރެއެވެ. ސިއްރުނުކުރާށެވެ. އަދި ލަދުގަނެ ފިޑިނުވާށެވެ.
2
.
ތޮޅޭ ކުއްޖާގެ ނުބައި ޢަމަލުގެ ޒިންމާ އަމިއްލަ ނަފުސުގައި ނާޅުވާށެވެ.
ކަލެއަށްވުރެ ގަދަފަދަ ކުއްޖެއް ތޮޅޭނަމަ އެވަގުތު ކުރެވޭނެ މާބޮޑުކަމެއް
ނޯވެދާނެއެވެ. އެއީ ފިނޑިވުމެއް ނޫނެވެ. ތޮޅޭ ކުއްޖާއަށް ރައްދު ދިނުމުގެ
ބަދަލުގައި ފިނޑިވެ، ދެރަވެފައި ހުރިކަން މޫނުމަތިންނާއި ހަރަކާތުން
ތޮޅޭކުއްޖާއަށް ނުދައްކާށެވެ. ދެރަވާކަން އެނގޭނަމަ އިތުރަށް ދެރަކުރުމަށް
ތޮޅޭނެއެވެ. އަވަސް ގޮތަކުން ތޮޅޭކުއްޖާގެ ގާތުން ދުރަށް ދެވޭތޯ ބަލާށެވެ.

3. އުޅޭ އުޅުމުން އަމިއްލަ ނަފުސާމެދު
އިތުބާރުކުރާކުއްޖެއްގެ ގޮތް ދައްކާށެވެ. މާ ބޮޑަށް 'ކުޑަވެފައި'
ނުހުންނާށެވެ. ވާހަކަ ދައްކާއިރު އަނެއްމީހާގެ މޫނަށް ބަލަހައްޓައިގެން
ހުރެ، ކެރިގެން ވާހަކަދައްކާށެވެ.
4. ސްކޫލު ތެރޭގައި އެހެން ކުދިންނާ ވާހަކަ
ދައްކައި ރަހުމަތްތެރިން ގިނަކުރާށެވެ. ރަހުމަތްތެރިންނާ އެކު އުޅުމުން
ތޮޅޭކުދިން ކަލެޔާ ކުރިމަތިލުމަށް ޖެހިލުންވާނެއެވެ.
5. ތަކުރާރުކޮށް ކަލެއާ ތޮޅޭނަމަ،
ނަފުސަށްކުރާ އިތުބާރު ގެއްލި، މޮޅިވެރިކަން އިޙްސާސްވާނެއެވެ. މިކަމުން
ސަލާމަތްވުމަށް ޝައުގުވެރިވާ މަޖާކަމެއް ކުރާށެވެ. މިގޮތުން ސްކޫލްގައި
ބާއްވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާށެވެ.
1. ތޮޅުމުގައި ބައިވެރި ނުވާށެވެ. ބިރުދެއްކިޔަސް އެކަމުގައި ބައިވެރި ނުވާށެވެ. ބުނާ ބަހުގައި ހިފަހައްޓާށެވެ.
2. ކަލެއަށް ނުރައްކާނުވާނެ ޙިކްމަތްތެރި ގޮތެއް ވިސްނުމަށް ފަހު ހާދިސާ އަވަހަށް ބޮޑުމީހަކަށް އަންގާށެވެ.
3. ތޮޅުމުގެ ޝިކާރަޔަކަށްވީ ކުއްޖާއާ
ވާހަކަ ދައްކައި ހިތްވަރު ދޭށެވެ. އަދި އެ ޙާދިސާ އޭނާގެ
ބެލެނިވެރިޔާއަށާއި ސްކޫލްގެ އިސްފަރާތްތަކަށް އެންގުމަށް ހިތްވަރުދޭށެވެ.
ފުރާއުމުރުގެ ކުއްޖަކު ސްކޫލްގައި ތަކުރާރުކޮށް ތޮޅޭނަމަ، މިދަންނަވާ
ސިފަތައް ނުވަތަ ސިފައެއް، ގޭތެރޭގައި އޭނާގެ އުޅުން ހުންނަގޮތުން
ފާޅުވާނެއެވެ.
1. އެހެން މީހުންގެ މައްޗަށް ގަދަފަދަވެ
ބާރުހިންގުމުގެ ވަރުގަދަ ޝައުގެއް ހުރުމާއި ގޮތްދޫނުކޮށް 'ބިރު'
ދައްކައިގެން ބޭނުންވާކަންތައްތައް ކުރަން އުޅުން.
2. ކޮއްކޮމެންނަށާއި އޭނާއަށްވުރެ
ހަގުކުދިންނަށް ހިތުހުރި ގޮތެއްހަދައި، ބޭނުންވާ ކަންތައްތައް އެކުދިން
ލައްވާ ކުރުވުން. އަދި ބާރާއި ނުފޫޒުހުރިކަން ދެއްކުމާއި ބާރުގެ
ބޭނުންކޮށްގެން ކުރިކަންތައްތަކުގެ ވާހަކަ ފަޚްވެރިކަމާ އެކު ދެއްކުން.
3. ރުންކުރުވެ، އަވަހަށް ރުޅިއައުން، ހިތްހަމަ ނުޖެހުން ތަހައްމަލުކުރަން އުދަނގޫވުން.
4. ކަނޑައަޅާފައި އޮންނަ ގަވާއިދުތަކާއި
އުސޫލްތަކަށް ތަބާވުން އެއީ އުދަގޫކަމަކަށްވުން. ބޭނުންވާކަމެއް ލަސްވާނަމަ
ކެތްތެރިކަން ކޮޅުންލުން.
6. ދެކޮޅުހެދުމާއި ރައްދު ދިނުމުގެ ސިފަހުރުން.
7. އިޖްތިމާޢީގޮތުން ބަލައިނުގަނެވޭފަދަ ސިފަތައް ހުރުމާއި ޖިނާއީކުށްކުރުމުގެ ތެރެއަށް ވަދެ، ވިޔާނުދާކުދިންނާ އެކު އުޅުން.
ދަރިފުޅު އެހެންކުދިންނާ ތޮޅޭކަން އެނގިއްޖެނަމަ، ބެލެނިވެރިޔާއަށް
ހައިރާންކަމާއި ދެރަވުމާއި ހާސްކަން އިޙްްސާސްކުރެއްވުން އެއީ
ޠަބީޢީކަމެކެވެ. މިހާލަތުގައި މަންފާހުރިގޮތަކީ ތިމާގެ ޖަޒްބާތުތައް ބާރުގެ
ދަށަށް ގެންނެސް، މައްސަލައިގެ އެންމެ ފުނަށް ފީނައި ކަމުގެ
އަސްލުދެނެގަތުމަށް މަސައްކަތްކުރުމެވެ.
1. މިގޮތުން ދަރިފުޅާ ވާހަކަދައްކަވައިގެން
މައްސަލާގައި އޭނާބުނާ އެއްޗެއްވެސް އޮޅުން ފިލުއްވާށެވެ. ކުދިން އެހެން
ކުދިންނާ ތޮޅުމަށް ވަރަށް ގިނަ ސަބަބު މެދުވެރިވެއެވެ. ފަހަރެއްގައި ތިޔަ
ބެލެނިވެރިޔާގެ ދަރިފުޅު ތޮޅެނީ އެހެން ކުދީން އޭނާއާ ތޮޅޭތީ ކަމަށްވެސް
ވުން އެކަށީގެންވެއެވެ. އެއްކޮށް އުޅޭ ކުދީންގެ މެދުގައި މަގުބޫލު 'ގަދަ'
މީހަކަށް ވުމަށް ނުވަތަ ސަމާލުކަން ހޯދުމަށް ވެސް ތޮޅިދާނެއެވެ.
ރަހުމަތްތެރިންގެ ބާރުއެޅުމުގެ ސަބަބުން (ޕިއާ ޕްރެޝަރ) ގެ ސަބަބުން
ކުރާކަމަކަށްވެސް ވެދާނެއެވެ.
2. ބެލެނިވެރިޔާ ދަރިފުޅަށް
ވިސްނައިދެއްވަންވީ ތޮޅުމަކީ އެއްވެސް ހާލަތެއްގައި ގަބޫލުނުކުރެވޭނެ
އަމަލެއްކަމެވެ. އޭނާއާ އެންމެ ފަހަރަކު ނުވަތަ ދެ ފަހަރު މައްސަލައާ މެދު
ވާހަކަ ދައްކައިގެން ނުފުދޭނެއެވެ. ފޫހިކަމެއްނެތި ތަކުރާރުކޮށް
ނަސޭހަތްދެއްވަމުން ގެންދަވާށެވެ.
3. ދަރިފުޅު ސްކޫލްގައި ތޮޅޭނަމަ، އޭނާގެ
ޓީޗަރުންނާއި، ސުޕަވައިޒަރާ ވާހަކަދައްކަވައި ކަންތައްތައް ހިނގާގޮތުގެ
ސާފު ތަސްވީރެއް ފެންނާނޭހެން މައުލޫމާތު އެއްކުރައްވައި އެޅިދާނެ
ފިޔަވަޅުތަކާ މެދު މަޝްވަރާކުރައްވާށެވެ.
4. ދަރިފުޅާއެކު ކުދިންނާ ތޮޅުމުގައި
އިތުރުކުދިން ނުވަތަ ކުއްޖެއް ބައިވެރިވާނަމަ، އެކުދިންގެ ނުވަތަ ކުއްޖާގެ
ބެލެނިވެރިންނާ ވާހަކަ ދައްކަވާށެވެ. ތިޔަ ބެލެނިވެރިޔާއެކޭ އެއްގޮތަށް
އެހެން ބެލެނިވެރިންވެސް ވިޔާނުދާ ޢަމަލު ހުއްޓުވުމަށް ބޭނުންވާނެ ކަމަށް
ބައްލަވާށެވެ.
Bullying ge dhivehi maana akee tholhumeh noon. Aslu maana akee "Hangaa kurun"
މި ލިޔުމަކީ އެހެން ސައިޓެއްގައި ޝާޢިއު ކޮށްފައިވާ ލިޔުމެކެވެ. އެހެންކަމުން އެފަރާތާއި ހަވާލާނުދީ ލިޔުމަކީ ފިކުރީ މުދަލަށް އަރައިގަތުން ފަދަ ކަމެކެވެ.